Thursday, November 7, 2013

ލޫޠުގެފާނާ ގުޅޭ ޤުރުޢާނުގެ އާޔަތްތައް

7:80 - އަދި ލޫޠުގެފާނު، އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވިދާޅުވި ހިނދު(ހަނދުމަކުރާށެވެ!) ތިޔަބައިމީހުންގެ ކުރިން، ޢާލަމްތަކުގެ ތެރެއިން އެކަކުވެސް ކޮށްފައިނުވާ ފާޙިޝް ޢަމަލު ތިޔަބައިމީހުން ކުރަނީ ހެއްޔެވެ؟

7:81 - ހަމަކަށަވަރުން، ތިޔަބައިމީހުން ޝަހުވާނީގޮތުން، އަންހެނުން ދޫކޮށް، ފިރިހެނުންނާ ގާތްވުމުއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންނީ(ފާފަކުރުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކީމުއެވެ.

7:82 - އެކަލޭގެފާނުގެ(އެބަހީ: ލޫޠުގެފާނުގެ) ޤައުމުގެ މީހުންގެ ޖަވާބުކަމުގައި އެއުރެންގެ މިބުނުން ނޫނީ ނުވެތެވެ. ތިޔަބައިމީހުންގެ ރަށުން، އެއުރެން(އެބަހީ: ލޫޠުގެފާނާއި، އެކަލޭގެފާނަށް އީމާންވެގެން ތިބިމީހުން) ބޭރުކޮށްލާށެވެ! ހަމަކަށަވަރުން، އެއުރެންނަކީ، ޞާލިޙުވެގަންނަ ބަޔެކެވެ.

7:83 - ފަހެ، އެކަލޭގެފާނުގެ އަނބިކަނބަލުން ފިޔަވައި، އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަހުލުވެރިން، ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. އެކަނބުލޭގެވީ، ހަލާކުވެދިޔަ މީހުންގެ ތެރެއިންނެވެ.

7:84 - އަދި ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް (ހިލައިގެ) ވާރެއެއް ވެއްސެވީމެވެ. ފަހެ، ކުށްވެރިންގެ ނިމުންހުރީ ކިހިނަކުންކަން، ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ!

11:77 - އަދި ތިމަންރަސްކަލާނގެ ރަސޫލުން(އެބަހީ: މަލާއިކަތުން) ލޫޠުގެފާނުގެ އަރިހަށް ވަޑައިގަތް ހިނދު(ޤައުމުގެ މީހުންގެ ފާސިދުކަމުގެ ސަބަބުން އެބޭކަލުންނަށް ދެރަގޮތެއް ވެދާނެތީ) އެބޭކަލުންނާމެދު ދެރަފުޅުވެ ހިތާމަކުރެއްވިއެވެ. އަދި އެބޭކަލުންނާމެދު ހިތްޕުޅު ދަތިވިއެވެ. އަދި ވިދާޅުވިއެވެ. މިއީ ވަރަށް ހިތާމަވެރި ދުވަހެކެވެ.

11:78 - އަދި އެކަލޭގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނުގެ އަރިހަށް އަވަސް އަވަހަށް އައޫއެވެ. ކުރިން އެއުރެންނަކީ، ނުބައި ފާޙިޝް ކަންތައްތައްކޮށް އުޅުނު މީހުންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މިހުންނޭވެ! މިތިބީ އަހުރެން(އެބަހީ: ޤައުމުގެ) އަންހެން ދަރިންނެވެ.(ތިޔަބައިމީހުން ޝަރުޢީގޮތުން އެކަނބަލުންނާ ކާވެނިކުރާނަމަ) އެކަނބަލުން ތިޔަބައިމީހުންނަށްޓަކައި ސާފުކަން ބޮޑެވެ. ފަހެ، ތިޔަބައިމީހުން، ﷲއަށް ތަޤުވާވެރިވާށެވެ! އަދި ތިމަންކަލޭގެފާނު މެހުމާނުންގެ ކުރިމަތީގައި، ތިމަންކަލޭގެފާނު ލަދުވެތި ނުކުރާށެވެ! ތިޔަބައިމީހުންގެ ތެރޭގައި ހޭޖެހޭ ފިރިހެނަކު ނުވަނީ ހެއްޔެވެ؟

11:79 – އެއުރެން ދެންނެވޫއެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ އަންހެން ދަރިންނާމެދު އެއްވެސް ޙައްޤެއް(އެބަހީ: އެއްވެސް ބޭނުމެއް) ތިމަންމެނަކަށް ނުވާކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާނެތެވެ. އަދި ހަމަކަށަވަރުން، ތިމަންމެން އެދޭ ކަންތައް ކަލޭގެފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެތެވެ.

11:80 - އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނާމެދު، ތިމަންކަލޭގެފާނަށް ބާރެއް ލިބިވަޑައިގެންފައިވާ ނަމައެވެ! ނުވަތަ ބާރުގަދަ ފަރާތަކަށް ދެވޭނެނަމައެވެ!

11:81 - އެބޭކަލުން ދެންނެވޫއެވެ. އޭ ލޫޠުގެފާނެވެ! ހަމަކަށަވަރުން، ތިމަންމެނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފޮނުއްވި ބޭކަލުންނީމުއެވެ. ކަލޭގެފާނާ ހަމަޔަށް އެއުރެންނަކަށް ވާޞިލެެއްނުވެވޭނެތެވެ. ފަހެ، ރޭގަނޑުން ބައެއްގައި ކަލޭގެފާނުގެ އަހުލުވެރިންނާއެކު، ނުކުމެވަޑައިގެން ހިންގަވާށެވެ! އަދި ތިޔައިންގެ ތެރެއިން އެކަކުވެސް، ކަލޭގެފާނުގެ އަނބިކަނބަލުން ފިޔަވައި އެނބުރި ފަސްނުބަލާށެވެ! ހަމަކަށަވަރުން، އެއުރެންނަށް (އެބަހީ: އެ ކާފިރުންނަށް) ޖެހޭކަމެއް އެކަނބުލޭގެއަށްވެސް ޖެހޭނެއެވެ. ހަމަކަށަވަރުން، އެއުރެންނަށް ކަނޑައެޅިގެންވާ ވަގުތަކީ ހެނދުނު ފަތިހެވެ. ފަތިސް ވަގުތު، ގާތުގައި ނުވޭހެއްޔެވެ؟

11:82 - ދެން ފަހެ، ތިމަންރަސްކަލާނގެ (ޢަޒާބުގެ) އަމުރުފުޅު އައިހިނދު، އެ ރަށުގެ މައްޗަށް އޮތްފުށް ދަށަށް ޖެއްސެވީމެވެ. އަދި އަލިފާނުން ދޮންކުރައްވާފައިވާ، މަށީގެ ހިލައިން ތިމަންރަސްކަލާނގެ އެ ރަށަށް ވާރޭ ވެއްސެވީމެވެ.

15:60 - އެކަލޭގެފާނުގެ އަނބިކަނބަލުން މެނުވީއެވެ. ތިމަންމެން މިންވަރު ކޮށްފައިވަނީ، ހަމަކަށަވަރުން، އެކަނބުލޭގެއަކީ، ޢަޒާބުގެ ތެރެއަށް ދޫކުރައްވާފައިވާ މީހުންގެ ތެރެއިންވާ މާހެއް ކަމުގައެވެ.

61،60 :15 - ފަހެ، ފޮނުއްވާފައިވާ މަލާއިކަތުން ލުޠުގެފާނުގެ އަހުލުވެރިންގެ ގާތަށް ވަޑައިގަތް ހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަކީ، (ތިމަންކަލޭގެފާނަށް) އެނގިގެންނުވާ ބަޔެކެވެ.

15:63 - އެބޭކަލުން ދެންނެވޫއެވެ. އަދި ކީއްތޯއެވެ؟ ތިމަންމެން ކަލޭގެފާނުގެ އަރިހަށް މިއައީ، އެއުރެން އެކަމާމެދު ޝައްކުކޮށް އުޅުނު ކަންތަކާއިގެންނެވެ.

15:64 - އަދި ތިމަންމެން ކަލޭގެފާނުގެ އަރިހަށް އައީ، ޙައްޤު ބަސްފުޅާއިގެންނެވެ. ހަމަކަށަވަރުން، ތިމަންމެންނީ، ތެދުބުނާބަޔަކުކަން ކަށަވަރެވެ.

15:65 - ފަހެ، ކަލޭގެފާނުގެ އަހުލުވެރިންނާއިގެން ރޭގަނޑުން ބައެއްގައި ކަލޭގެފާނު ދަތުރުކުރައްވައި، ހިންގަވާށެވެ! އަދި އަލޭގެފާނު އެއުރެންގެ ފަހަތުން ވަޑައިގަންނަވާށެވެ! އަދި ތިޔަބައިމީހުންކުރެ އެކަކުވެސް ފަސްެއެނބުރި ނުބަލާށެވެ! އަދި ތިޔަބައިމީހުންނަށް، އަމުރުކުރައްވާފައިވާ ތަނަށް، ތިޔަބައިމީހުންދާށެވެ!

15:66 - އެކަލޭގެފާނަށް ތިމަންރަސްކަލާނގެ އެކަންތައް ނިޔާކުރައްވައި އެންގެވީމެވެ. (އެއީ) ހަމަކަށަވަރުން އެއުރެންނީ ފަތިސްވެގެންއަންނަ ވަގުތުގައި، މުލުން ކެނޑި ނެތިދާނޭ ބަޔެކެވެ.

15:67 - (އަލަށް ބަޔަކު ރަށަށް އައިވާހަކަ އިވި) އުފާކުރާ ހާލު، އަހުލުވެރިން އައޫއެވެ.

15:68 - އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، މިބައިމީހުންނީ، ތިމަންގެ މެހުމާނުންނެވެ. ފަހެ، ތިޔަބައިމީހުން ތިމަން فضيحة ނުކުރާށެވެ.

15:69 - އަދި ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާށެވެ! އަދި ތިމަން ދެރަކޮށް ލަދުގަންނަވައި ނުލާށެވެ!

15:70 - އެއުރެން ދެންނެވޫއެވެ. (ބޭރު) އެއްވެސްމީހަކާ ބައްދަލުވެ އުޅުއްވުން ތިމަންމެން ކަލޭގެފާނަށް މަނާ ނުކުރަމުތޯއެވެ؟

15:71 - އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އެކަންތައްކުރާ ކަމުގައިވަނީނަމަ، (އެބަހީ: އެދުންފުއްދައިއުޅެން ބޭނުންނަމަ، ޝަރުޢީ ހަމަތަކުން ކައިވެނިވުމަށް) ތިމަންގެ އަންހެންދަރިން (އެބަހީ: ޤައުމުގެ އަންހެންދަރިން) މިތިބީއެވެ.

15:72 - ކަލޭގެފާނުގެ ޙަޔާތްޕުޅު ގަންދެއްވައި ވަޙީ ކުރައްވަމެވެ. ހަމަކަށަވަރުން، އެއުރެންވަނީ، އެއުރެންގެ މަސްތުގެތެރޭގައި، ހައިރާންވެ، ދެފުށުއެޅޭ ޙާލުގައެވެ.

15:73 - ފަހެ، އިރުއެރި ވަގުތުގައި ގަދަފަދައަޑު (އައިސް) އެއުރެން ހަލާކުކުރިއެވެ.
15:74 - ފަހެ، ތިމަންރަސްކަލާނގެ އެރަށުގެ، މައްޗަށް އޮތްފުށް ވަތަށްއޮތްފުށްކަމުގައި ލެއްވީމެވެ. އަދި އަލިފާނުން ދޮންކުރައްވާފައިވާ މަށީގެ ހިލައިން ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ވާރޭ ވެއްސެވީމެވެ.

15:75 - ހަމަކަށަވަރުން، އެކަންތަކުގައި، ވިސްނައި ފިކުރުކުރާ މީހުންނަށް ހެކިތަކެއްވާކަން ކަށަވަރެވެ.

15:76 - އަދި ހަމަކަށަވަރުން، އެރަށްވަނީ ސާބިތުވެ ފެންނަންއޮތް މަގެއްގައިކަން ކަށަވަރެވެ.

15:77 - ހަމަކަށަވަރުން، އެކަމުގައި މުއުމިންތަކުންނަށް ހެއްކެއްވާކަން ކަށަވަރެވެ.

26:160 - ލޫޠުގެފާނުގެ ޤައުމުގެ މީހުން ރަސޫލުން ދޮގުކުރޫއެވެ.

26:161 - (އެއީ) އެއުރެންގެ އަޚް، ލޫޠުގެފާނު އެއުރެންނަށް ވިދާޅުވިހިނދުގައެވެ.

26:162 - ހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ އަމާންތެރި ރަސޫލަކީމެވެ.

26:163 - ފަހެ، ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ!

26:164 - އަދި އަހުރެން އެރަސޫލުކަން، އިއްވުމަކަށް ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. ޢާލަމްތަކުގެ ވެރިރަސްކަލާނގެ ހަޟްރަތުން މެނުވީ އަހުރެންނަށް ޘަވާބު ދެއްވުމެއް ނުވެެއެވެ.

26:165 - ޚުލްޤުތަކުންގެ ތެރެއިން ފިރިހެނުންގެ ގާތަށް ތިޔަބައިމީހުން އަންނަނީ ހެއްޔެވެ؟

26:166 - ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި ހައްދަވައި (ހަލާލް ކުރައްވައި)ފައިވާ އަނބިން ދޫކުރަނީ ހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނީ (ނުބައިކަންތަކުގައި) ހައްދުފަހަނަޅައިދާ ބަޔަކީމުއެވެ.

26:167 - އެއުރެން ދެންނެވޫއެވެ. އޭ ލޫޠުގެފާނެވެ! ކަލޭގެފާނު (ތިމަންމެނާ ދެކޮޅު ހެއްދެވުން) ހުއްޓަވައިނުލެއްވިނަމަ (ރަށުން) ނެރެލެވޭ މީހުންގެ ތެރެއިން ކަލޭގެފާނު ވާހުށިކަން ކަށަވަރެވެ.

26:168 - އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނު ވަނީ ތިޔަބައިމީހުންގެ ޢަމަލަށް (އެބަހީ: ލިވާޠުގެ ޢަމަލަށް) ރުޅިއަރާ މީހުންގެ ތެރެއިންނެވެ.

26:169 - އަޅުގެ ވެރިރަސްކަލާކޮ! އެއުރެންކުރާ ޢަމަލުން މިއަޅާއާއި މިއަޅާގެ އަހުލުވެރިން ސަލާމަތް ކުރައްވާނދޭވެ!

26:170 - ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނާއި،  އެކަލޭގެފާނުގެ އަހުލުވެރި އެންމެން ސަލާމަތް ކުރެއްވީމެވެ.

26:171 - ޢަޒާބު ލިބުނު މީހުންގެ ތެރޭގައިވާ މުސްކުޅި އަންހެނަކު މެނުވީއެވެ.

26:172 - ދެން ތިމަންރަސްކަލާނގެ (އެ ޤައުމުގެ) މީހުން ހަލާކުކުރެންވީމެވެ.

26:173 - އަދި ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް (ހިލައިގެ) ވާރޭއެއް ވެއްސެވީމެވެ. ފަހެ، އިންޒާރުކުރައްވާފައިވާ މީހުންގެ (މައްޗަށް ވެހުނު) ވާރޭގެ ނުބައިކަމާއެވެ!

26:174 - ހަމަކަށަވަރުން، އެކަންތަކުގައި (ﷲގެ ކުޅަދުންވަންތަކަމުގެ) ހެތްވެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން، އީމާންވާ ބަޔަކު ކަމުގައި ނުވެތެވެ.

26:175 - އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ،  ޢަޒީޒްވަންތަ، ރަޙީމްވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.

27:54 - ލޫޠުގެފާނު، އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުން ދެކެދެނެތިބި ޙަލު، ފާޙިޝް ޢަމަލުތައް ކުރަނީހެއްޔެވެ؟

27:55 - ހަމަކަށަވަރުން، ތިޔަބައިމީހުން ޝަހުވާނީއެދުން ފުއްދުމަށްތަކައި އަންހެނުން ފިޔަވައި ފިރިހެނުންގެ ގާތަށް ދަނީ ހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނީ، ތަންދޮރުނޭނގޭ ޖާހިލު ބަޔަކީމުއެވެ.

27:56 - ފަހެ، އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ޖަވާބުކަމުގައި އެއުރެންގެ މިބުނުން ނޫނީ ނުވެއެވެ. ތިޔަބައިމީހުން ލޫޠުގެފާނާއި، އެކަލޭގެފާނަށް ތަބަޢުވެގެން ތިބިމީހުން ތިޔަބައިމީހުންގެ ރަށުން ބޭރުކޮށްލާށެވެ! ހަމަކަަށަވަރުން، އެއުރެންނީ ޠާހިރުވެ ތިބޭބަޔެކެވެ.

27:57 - ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނާއި އެކަލޭގެފާނުގެ އަހުލުވެރިން ސަލާމަތްކުރެއްވީމެވެ. އެކަލޭގެފާނުގެ އަނބިކަނބަލުން މެނުވީއެވެ. ޢަޒާބުގައި ތިބޭމީހުންގެ ތެރެއިން ތިމަންރަސްކަލާނގެ އެކަނބުލޭގެ ހިމެނުއްވީމެވެ.

27:58 - އަދި ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް (ހިލައިގެ) ވާރެއެއް ވެއްސެވީމެވެ. ފަހެ، އިންޒާރުވެވުނު މީހުންގެ (މައްޗަށް ވެހުނު) ވާރޭގެ ނުބައިކަމާއެވެ!

29:28 - އަދި ލޫޠުގެފާނު، އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!). ހަމަކަށަވަރުން، ތިޔަބައިމީހުން ތިޔަކުރާ ފާޙިޝް ކަންތައްތަކަކީ، ޢާލަމްތަކުގެ ތެރެއިން އެކަކުވެސް މީގެކުރިން ކޮށްފައިނުވާ ކަންތައްތަކެކެވެ.

29:29 - ހަމަކަށަވަރުން، ތިޔަބައިމީހުން ފިރިހެނުން ގާތަށް (ޝަހުވާނީއެދުން ފުއްދުމަށް) ދަނީ ހެއްޔެވެ؟ އަދި ތިޔަބައިމީހުން މަގުފޭރި، ތިޔަބައިމީހުންގެ ނާދީތަކުގައި އެ ނުބައިކަންތައް ކުރަމުން ގެންދަނީ ހެެއްޔެވެ؟ ފަހެ، އެކަލޭގެފާނުގެ (އެބަހީ: ލޫޠުގެފާނުގެ) ޤައުމުގެ މީހުންގެ ޖަވާބުކަމުގައި އެއުރެންގެ މި ބުނުން ނޫނީ ނުވެއެވެ. ކަލޭގެފާނު ތެދުވެރިންގެ ތެރެއިންވަނީނަމަ، ތިމަންމެނަށް (ތިޔަ ވިދާޅުވާ) ﷲގެ ޢަޒާބު ނިކަންގެނެސްދެއްވައި ބައްލަވާށެވެ!

29:30 - އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ފަސާދަ ކުރާމީހުންގެ މައްޗަށް މިއަޅާއަށް ނަޞްރުދެއްވާނދޭވެ!

29:31 - އުފާވެރިކަމުގެ ޚަބަރާއިގެން  ތިމަންރަސްކަލާނގެ ފޮނުއްވި މަލާއިކަތުން އިބްރާހީމުގެފާނުގެ އަރިހަށް ވަޑައިގަތް ހިނދު، އެބޭކަލުން ވިދާޅުވޫއެވެ. ހަމަކަށަވަރުން، ތިމަންމެން ފޮނުއްވެވީ މިރަށުގެ (އެބަހީ: ލޫޠުގެފާނުގެ ރަށުގެ) އަހުލުވެރިން ހަލާކު ކުރުމަށެވެ. ހަމަކަށަވަރުން، އެ ރަށުގެ އަހުލު ވެރިންވީ އަނިޔާވެރިން ކަމުގައެވެ.

29:32 - އެކަލޭގެފާނު (އެބަހީ: އިބްރާހީމުގެފާނު) ވިދާޅުވިއެވެ. ހަމަކަށަވަރުން، އެރަށުގައި ލޫޠުގެފާނު އެބަހުންނެވިއެވެ. އެބޭކަލުން ވިދާޅުވޫއެވެ. އެރަށުގައިވާ ބަޔަކު، ތިމަންމެންނަށް މާރަނގަޅަށް އެނގެއެވެ. ހަމަކަށަވަރުން، ތިމަންމެން އެކަލޭގެފާނުގެ އަނބިކަނބަލުން މެނުވީ އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަހުލުވެރިން ސަލާމަތްކުރާ ހުށީމެވެ. އެކަނބުލޭގެވީ ހަލާކުވެގެންދިޔަ މީހުންގެ ތެރެއިންނެވެ.

37:133 - ހަމަކަށަވަރުން، ލޫޠުގެފާނުވަނީ ރަސޫލުންގެ ތެރެއިންކަން ކަށަވަރެވެ.

37:134 - ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަހުލުވެރި އެންމެން ސަލާމަތް ކުރެއްވިހިނދު ހަނދުމަކުރާށެވެ!

37:135 - ޢަޒާބު ލުބުނު މީހުންގެ ތެރޭގައިވާ، މުސްކުޅި އަންހެނަކު މެނުވީއެވެ.

37:136 - ދެން ތިމަންރަސްކަލާނގެ (އެ ޤައުމުގެ) އެހެންމީހުން ހަލާކު ކުރެއްވީމެވެ.

138،137 :37 - ހަމަކަށަވަރުން (ތިޔަބައިމީހުންގެ ދަތުރުތަކުގައި) އެއުރެންގެ (آثارތަކުގެ) ކައިރިންލާފައި ހެނދުނާއި، ރޭގަނޑުގައި ތިޔަބައިމީހުން ދަމުއެވެ. ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟

54:33 - ލޫޠުގެފާނުގެ ޤައުމުގެ މީހުން އިންޒާރުތައް ދޮގުކުރޫއެވެ.

54:34 - ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ހިލައިގެ ވާރޭ ފޮނުއްވީމެވެ. ލޫޠުގެފާނުގެ އަހުލުވެރިން މެނުވީއެވެ. ދަންވަރުގެ ވަގުތެއްގައި ތިމަންރަސްކަލާނގެ އެއުރެން ސަލާމަތްކުރެއްވީމެވެ.

54:35 - ތިމަންރަސްކަލާނގެ ޙަޟްރަތުން ދެއްވި ނިޢުމަތެއްގެ ގޮތުގައެވެ. ޝުކުރުކުރާ މީހަކަށް އެފަދައިން ތިމަންރަސްކަލާނގެ ޖަޒާ ދެއްވަމެވެ.

54:36 - އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޢުޤޫބާތުގެ ވާހަކައިން، އެކަލޭގެފާނު އެއުރެންނަށް އިންޒާރު ކުރެއްވިއެވެ. ފަހެ، އެއުރެން އެ އިންޒާރުތަކާމެދު ޝައްކުކުރޫއެވެ.

54:37 - އަދި ހަމަކަށަވަރުން، އެކަލޭގެފާނުގެ މެހުމާނުންނާމެދު، ނުބައިކަންތައް ކުރުމަށްތަކައި އެކަލޭގެފާނުގެ އަރިހުން އެއުރެން އެދިގަތެވެ. ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެ ލޯތައް ކަނުކުރެއްވީމެވެ. (އަދި އެންގެވީމެވެ.) ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ޢަޒާބާއި، އިންޒާރުގެ ރަހަ ލިބިގަންނާށެވެ!

54:38 - އަދި ހަމަކަށަވަރުން، ފަތިހެއްގެ ފަތިސްވަގުތުގައި ދެމިހުންނަނިވި ޢަޒާބު އައިސް އެއުރެންނަށް ޖެހުނެވެ.

54:39 - ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ޢަޒާބާއި، އިންޒާރުގެ ރަހަ ލިބިގަންނާށެވެ!